ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ ތިން ސްކީމަކަށް ޖުމްލަ 58،505، ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ހުޅުވައިލި، ”އާއިލީ ބޯހިޔާވަހިކަން“ އަދި ”ގޯތިގެދޮރު“ ޕްރޮގްރާމުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

”އާއިލީ ބޯހިޔާވަހިކަން“ ސްކީމަށް ޖުމްލަ 45،644 ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،818 ފޯމާއި ބިމަށް އެދި ހުށަހެޅި 9،826 ފޯމެވެ.

ގޯތިގެދޮރު ސްކީމަށް ޖުމްލަ 12،861 އެޕްލިކޭޝަން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 12،749 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 112 ފޯމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމީ ފެންވަރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހައްލުކުރަން ނިންމާފައިވާ މައްސަލައެކެވެ.