ކެރީބިއަންގެ ގައުމެއް ކަަމަށްވާ ޑޮމިނިކަން ރިޕަބްލިކްގެ ލަގްޒަރީ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އެލްއޭ އަލްޓެގްރޭސިއާ ޕްރޮވިންސްގެ އަވަށެއް ކަމުގައިވާ ބަޔަހީބޭގެ ހަތަރު ތަރި ހޮޓަލެއް ކަމަށްވާ ވިވާ ވިންދަމް ޑޮމިނިކަސް ބީޗުގައެވެ. ބަޔަހީބޭ އަކީ ފަތުރުވެރިންގެ މެދުގައި ވަަރަށް މަގްބޫލު މަންޒިލެކެވެ.

ހުކުރު ދުވަހުގެ ހެނދުނު 11 ހާއިރު ހިނގި މި ހާދިސާއާ ގުޅޭގޮތުން، ޑޮމިނިކަން ރިޕަބްލިކްގެ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ވެރިޔާ، ޖުއާން މެނުއެލް މެންޑޭޒް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އެކަކު މަރުވިއިރު، ނުވަ މީހަކަށް އަނިޔާވި ކަމަށެވެ.

އަދި ހަ މީހަކަށް ސީންގައި ފަރުވާ ދިންއިރު، 3 މީހަކަށް ފަރުވާ ދިނީ، ހޮސްޕިޓަލަށް ގެންގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޑޮމިނިކަން ރިޕަބްލިކްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން-

 

މި ހާދިސާގައި މަރުވެފައި ވަނީ އިޓަލީގެ ރައްޔިތެެއް ކަމަށްވާ ފްރެންސެސްކާ ވެލެންޓީނޯ، 46 އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ހާދިސާ ހިނގުމާއެކު، އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުން ދިޔުމުން، 1،690 ފަތުރުވެރިން އެހެން ހޮޓަލުތަކަށް ނުވަތަ ގެތަކަށް ބަދަލު ކުރަން ޖެހުނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަލިފާންގަނޑު އަވަހަށް ފެތުރިގެން ދިޔައީ، ވައި ގަދަވުމާއެކު، ހޮޓަލުގެ ފުރާޅުން ބައެއް ފަނުން ހަދައިފައިވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.