އިންޑިއާގެ ޕޫނޭގައި ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށް އުސްތަނަކުން ވައްޓައި، ކޭތަން އަގަރްވާލް މަރައިލި މައްސަލައިގައި، އޭނާގެ ވާން އުޅުނު އަނބިމީހާ ސިޔާ ގޯޔަލް ހައްޔަރު ކުރުމުން، ސިޔާގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހި، އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް، އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ ޕޫނޭގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ކޭތަން އާއި، އުމުރުން 20 އަހަރުގެ ސިޔާ އެންގޭޖުވީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. މިއީ ދެ ފަރާތުގެ އާއިލާއިން ރާވައިގެން ކުރުވަން އުޅުނު ކައިވެންޏެކެވެ.
އެ ދެމީހުން ކައިވެނި ކުރަން ރާވާފައި ވަނީ، މި އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެކަމަށްޓަކައި، ބިލިއަނަރު ވިޝާލް އަގަރްވާލްގެ ދަރިފުޅު ކޭތަން ވަނީ 17 ކުރޯޑަށް ތަނެއް ވެސް ހިފައިފައެވެ. ނަަމަވެސް، ސިޔާ މި ކައިވެންޏާ ދެކޮޅެވެ. އޭނާ ދިޔައީ 2025 ވަނަ އަހަރުން ފެށިގެން އުމުރުން 22 އަހަރުގެ ޗޭތަން ޗޯދަރީއާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުންނެވެ.
އެ ދެމީހުންގެ ލޯބީގެ ގުޅުން ފަޅާއެރީ ކޭތަންގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ. ކައިވެންޏާ ދެކޮޅު ވިޔަސް، އާއިލާއާ ދެކޮޅަށް ނުކުމެ، ކައިވެންޏަށް ނޫނެކޭ ބުނުމުގެ ބަދަލުގައި ސިޔާ ނިންމީ، ޗޭތަންގެ ބައިވެރިވުމާއެކު، ކޭތަން މަރާލާށެވެ. އެ ދެމީހުންގެ ދެމެދުގައި ހުރަކަށް ވެފައިވާ ކޭތަން މަރައިލުން ނޫން ހައްލެއް ސިޔާއަކަށް ނުވިސްނުނެވެ.

މިކަމަށްޓަކައި ކޭތަން އަށް އޮޅުވައިލައިގެން، 3,389 ފޫޓު އުސް ލޮހާގަޅް ފޯޓް ކިޔާ ކްލިފަށް ގެންގޮސް، އެ ތަނުގެ ވާދީއަށް ވަައްޓާލައި މަރާލަން އެ ދެ މީހުން ރޭވިއެވެ.
އެގޮތުން މި މަހުގެ 14 ވަނަ ދުވަހު ކޭތަން ގޮވައިގެން ފޯޓަށް ގޮސް، މީހަކު ކައިރީގައި ނެތް ދަނޑިވަޅު ބަލައި ސިޔާ އޭނާ ކޮއްޕާލިއެވެ. ނަމަވެސް ގަސްގަނޑެއްގައި ހިފައި، ޓްރެކިންއަށް ފަރިތަ ކޭތަން ވާދީއަށް ނުވެއްޓި ސަލާމަތްވީއެވެ. އަދި ކޮއްޕާލީ ކީއްވެތޯ ސުވާލު ކުރުމުން، ހަރުފައެއް ފެނިގެން، ސަލާމަތް ކުރަން ކުރި ކަމެއް ކަމަށް ބުނެ، ސިޔާ ވަގުތުން ކޭތަންއަށް އޮޅުވައިލިއެވެ.

ވާން އުޅޭ ފިރިމީހާ މަރާލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ވެސް ސިޔާ ދުލެއް ނުކުރިއެވެ. އޭނާ ކޭތަން ކައިރީގައި ބުނީ އެތަނަށް އަދިވެސް ދިޔުމަށެވެ. މިފަހަރު ސިޔާގެ އުފަން ދުވަހާ ދިމާކޮށެވެ. އެހެންވެ، ސިޔާގެ މަކަރުވެރި ރޭވުމުގެ ކުޑަވެސް މިންވަރެއް ނޭނގި ހުރެ، ކޭތަން ނިންމީ އަނެއްކާވެސް ފޯޓަށް ދާށެވެ. އެގޮތުން މި ފަހަރު އެ ދެމީހުން އެތަނަށް ދިޔައީ މި ޖޫން މަހުގެ 18 ވަަނަ ދުވަހުއެވެ.

ސިޔާ މިފަހަރު ދިޔައީ ލޯބިވެރިޔާ ޗޭތަން އާވެސް އެކުގައެވެ. ސިޔާ އާއި ކޭތަން ކާރުގައި ފޯޓަށް ދަތުރު ކުރަމުން ދިޔައިރު، ހުޑީއެއް ލައިގެން، މޫނު ނުފެންނާނެހެން ހުރި ޗޭތަން ދިޔައީ އެ މީހުންގެ ފަހަތުން ދުއްވަމުންނެވެ. މިކަން ފަޅާ އެރީ ފޯޓަަށްދާ މަގުތަކުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުންނެވެ.
ސިޔާ މިފަހަރު އޭނާގެ މަގުސަދު ކާމިޔާބު ކުރިއެވެ. ކޭތަން ކްލިފް މަތިން ވައްޓާލީ ޗޭތަންގެ އެހީތެރިކަމާއެކުގައެވެ. އަދި ފުލުހުންނަށް ގުޅައި އޭނާ ބުނީ، ކޭތަން ފޮޓޯ ނަގަމުން ދަނިކޮށް، ފައި ކައްސައިލައިގެން ވެއްޓުނީ ކަމަށެވެ. އަދި އެއަށްފަހުގައި ހިތާމަފާޅު ކުރަމުންދާކަން ދެއްކުމަށް އިންސްޓެގްރާމްގައި ކޭތަންއާ ގުޅޭ އެތައް ޕޯސްޓެއްކޮށް، ސިޔާ ވަނީ މީހުންގެ ހަމްދަރްދީ ވެސް ހޯދައިފައެވެ.
މި މައްސަލައިގައި ސިޔާއާމެދު ފުރަތަމަ ޝައްކު އުފެއްދީ ކޭތަންގެ އާއިލާ މީހުންނެވެ. އެމީހުންނަށް ފާހަގަވީ، ކޭތަންގެ ހަށިގަނޑު ނަގައިގެން ގެނައުމުން ވެސް، ސިޔާގެ މޫނުމަތިން މޮޅިވެރިކަން ނުފެނުނު ކަމާއި، އޭނާ ދެއްކި ބައެއް ވާހަކަތައް ދިމާ ނުވާ ކަމެވެ.
އެހެންވެ، އާއިލާގެ މެމްބަރެއްގެ އެދުމެއްގެ މަތިން، ކޭތަންގެ ބައްޕަ ވަނީ ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފައެވެ. ސިޔާއާ ސުވާލުކޮށް، މި މައްސަލައިގެ ބޮޑު ތަހުގީގެއް ފެށުނީ އެ ހިސާބުންނެވެ. އަދި ސިޔާގެ ފޯނު ބެލުމުން، ޗޭތަންއާ އެތައްހާސް ފަހަރު ފޯނުން ގުޅައި، އެތައް ގަޑިއިރު ވާހަކަ ދައްކާފައިވާކަން ފަޅާ އަރައި، މުޅި މައްސަލަ ސާފު ވުމަށް މަގު ހުޅުވިގެންދިޔައެވެ.
މުޅި އިންޑިއާގެ ސަމާލުކަން ލިބިފައިވާ މި މައްސަލައާ ގުޅިގެން، ސިޔާއާއި ޗޭތަން ވެސް ހައްޔަރު ކޮށްފައިވާއިރު، ކޭތަންގެ އާއިލާ އިން ބުނީ، އެ ދެމީހުންނަށް ވެސް މަރުގެ އަދަބު ދޭން ޖެހޭ ކަމަށެވެ. ޗޭތަން އާއި ސިޔާ ވެސް ކުށަށް އިއުތިރާފު ވެފައިވާއިރު، ފުލުހުން ދަނީ މި މައްސަލައިގެ ފުނަށް ފީނަމުންނެވެ.

