ހިމަބިއްސަކީ މިއަދު ރާއްޖޭގައި އާދަޔާ ހިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ނިސްބަތް އޮތީ ބިރުގަންނަންޖެހޭ ނުވަތަ ކޮންޓްރޯލް ނުކުރެވޭ ހާލަތެއްގައި ނޫންކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މާލެ ސަރަހައްދުން އެކަނިވެސް މި ބަލީގެ ސަތޭކަ މައްސަލަ ފެނިފައިވީ ނަމަވެސް، މިއީ ހާސްވާންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ގައިންގަޔަށް އަރާ ބައްޔަކަށް ވިޔަސް، ބަލިން ފަސޭހަވުމަށް ނަގާ ވަގުތު ކުރުވުމަކީ މާބޮޑަށް ބަލި ފެތުރިގެން ނުދާނެ ސަބަބެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮންމެ ބައްޔަކާ ގުޅިގެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ސިއްހީ ނިޒާމުގެ ތެރެއިން އަބަދުވެސް ހިނގަމުންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ވަނީ ހިމަބިހީގެ 121 ކޭސް ރެކޯޑުކުރެވިފައެވެ.