ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އިސްރަށްވެހިންނަށް އިސްކަންދޭ އާ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަންއިން ތައާރަފުކޮށްފިއެވެ.
އިމިގްރޭޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ނިޒާމު ތައާރަފުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.
އިމިގްރޭޝަނުން ބުނީ އާ ޕާސްޕޯޓް ނިޒާމަކީ ހިދުމަތް ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް ނައްތާލައި، ވީހާވެސް އަވަސް އަދި ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން ޕާސްޕޯޓު ފޯރުކޮށްދިނުމުގެ ބޭނުމުގައި ތައާރަފު ނިޒާމެއް ކަމަށެވެ.
އެ ނިޒާމުގައި، ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަ އެހީތެރިކަމެއް ލިބެން ހުންނާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން، އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި ދަތިތައް ކުރިމަތިވާ އިސްރަށްވެހިންނަށް، އިމިގްރޭޝަންގެ އެހީތެރިކަމާއެކު ފޮޓޯ ނެގުމާއި އެޕްލިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިތްފަސޭހަ މަޑުކުރުމުގެ ސަރަހައްދެއް ހަމަޖައްސައި، ބޭނުންވާ މައުލޫމާތުތައް ފަސޭހައިން އޮޅުންފިލުވޭނެ އިންފޮމޭޝަން ކައުންޓަރެއް ގާއިމުކޮށްފައިވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް (ރޓ) އަހްމަދު ފަސީހު ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

