ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އުއްޗުއަށް

އުއްޗުއަކީ ޒުވާން އުމުރުފުޅުގައިވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ.

ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ.

މުޙައްމަދު މޫސާ، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، ޢާއިލާގެ އެހީތެރިކަމާއެކުގައި، އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، ހިންދީބަހާއި، އުރުދޫބަސް ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ.

އެއަށްފަހު، ތަފާތު މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން ތަޖުރިބާ ހާސިލު ކުރެއްވިއެވެ.

މުޙައްމަދު މޫސާ އިންޑިއާއިން ކިޔަވައިވިދާޅުވެގެން އެކި މަސައްކަތްތައް ދަސްކުރައްވައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން، ދަސްކުރެއްވި އެ މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.

މުޙައްމަދު މޫސާ، އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، އެ މަނިކުފާނުގެ ހިތްޕުޅުގައި އެކަންކަމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ.

އޭގެތެރެއިން ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު މުޙައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ.

މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ”ތިމާވެށީގެ ފެހިފަތް“ ސަރުކާރުން އަރުވައިފައެވެ.

މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ”ޗަމްޕާ ހޯލްސޭލް“ ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ.

އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ.

އަދި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއްވެސް ހިންގަވަމުން ގެންދަވައެވެ. މުޙައްމަދު މޫސާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށްބޮޑެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އިންވެސްޓްމަންޓުތަކުގެ މަންފާ މިހާރުވެސް ދިވެހި ޢާއިލާތަކަށް ލިބެމުންދެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ ”ދި އެފް.އެމް.“ އާއި، ”ދި އެފް.އެމް. ޕްލަސް“ ގެ އިތުރުން، ”ދި ޓީ.ވީ.“ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ.