ދިވެހިރާއްޖެ-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ޑިއުޓީ ކަނޑާލުން ނުވަތަ ޑިއުޓީ ކުޑަ ކުރެވިގެންދާނެއެވެ. މީގެ އިތުރުން 85 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުރުކީއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓް ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ތުރުކީވިލާތުން އެކި ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކުރުމަށް ލުއި ލިބޭނެއެވެ. އެގޮތުން ކާބޯތަކެތި އެތެރެ ކުރުމަށް ލުއި ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.