އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.
އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ފުރަތަމަ ފާހަގަކުރި ކަމަކީ އިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުމެވެ.
އެ ހާލަތުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުގެ ބަދަލުގައި އެއީ ތަބީއީ ކަމެއް ކަމަށް ވިދާޅުވެ، ސައީދު މި މައްސަލައިގެ ހައްސާސްކަން ކަނޑައިލައްވައިފައިވާ ކަމަށް އެ މައްސަލައިގައި އެމްޑީޕީން ބުންޏެވެ.
ދެވަނަ ކަމަކަށް އެމްޑީޕީގެ މެންބަރުންގެ މައްސަލައިގައި ފާހަގަކުރީ، ސަޢީދު ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިފައި ނުވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް، އެމްޑީޕީގެ މައްސަލައިގައި ވެއެވެ.
މިސާލެއްގެ ގޮތުގައި އަދިވެސް ހިންގަން ނުފެށޭ ޑިވެލޮޕްމެންޓް ބޭންކުގެ ވާހަކަ ވަނީ ގެނެސްފައެވެ. އަދި އެ މައްސަލައިގައި ވަނީ، އެ ބޭންކުގެ ހިދުމަތްތައް ނުފެށި މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ހަރަދުކޮށްފައިވާ ކަމަށެވެ.

