އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ ގޮތަށް ހަޑިހުތުރުބަހުން މުއާމަލާތްކުރި ދިވެހި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިންނަމާދޫއަށް ނިސްބަތްވާ 33 އަހަރުގެ އަންހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފައިވެއެވެ.

އާއްމުންނަށް އުނދަގޫކުރި މައްސަލައެއްގައި ހައްޔަރުކުރި އެ މީހާގެ ބަންދު އަމުރުގައި ބުނީ، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާގެ ރިޕޯޓް ހިމެނެއެވެ.

އެ އަންހެން މީހާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އިންކާރުކޮށްފައެވެ.