މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ މަގްސަދުގައި ދެވޭ އެވޯޑެކެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން، ސަރުކާރުން ކަނޑައަޅާފައިވާ ”އޯގާތެރި މުޖުތަމައު“ ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ގައުމީ ހަރަކާތެކެވެ.
މި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ހޭލުންތެރިކަން އިތުރުވެ، އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް މަގުފަހިވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 06 ކެޓަގަރީއަކުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ.
2. ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.
3. ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ).
4. ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާތައް.
5. ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ.
6. އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެހީތެރިވާ ކުންފުނިތައް.
އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި އުޞޫލުތައް ހެލްތު މިނިސްޓްރީގެ ކައުންޓަރުންނާއި، އަތޮޅުތެރޭގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބޭނެއެވެ.
މީގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.
ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ disability@health.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00އެވެ.