ރޯދަމަހުގެ ކުރިން އިތުރު 20އަކަށް މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން މިހާރުވެސް 81 މަޝްރޫއަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ ތެެރޭގައި އިސްލާމީ މަރުކަޒުތަކުގެ މަޝްރޫއުތަކާއި މިސްކިތްތަކާއި ވަގުފް ބިނާތަކުގެ މަޝްރޫއުތައް ހިމެނޭކަން ފާހަގަކުރައްވައި، ރޯދަމަހުގެ ކުރިން އިތުރު 20 މިސްކިތް ހުޅުވިގެންދާނެ ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.

