ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، އަޑިޔަށް ދިޔަ ”ފްރެންޑް 4“ ދޯނި ބަންޑުން ޖަހާލައި އެއިން ގެއްލުނު ތިން މީހުން ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި، ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން އާއި ދޯނި ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފުލުހުސް އޮފިސަރު އަލީ ނާފިއު އާއި އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް “SA038, SA037”ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުން އަދި ފެނިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

