ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ސަންގު ޓީވީ“އަށް ދެއްވެވި ބަސްދީގަތުމެއްގައެވެ.

ސަންގުން އާއްމު ކުރި އިންޓަރވިޔުގެ ޓްރެއިލަރގައި، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްްޒު އަކީ އެމަނިކުފާނާއި އެކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ޖަލަށް ލުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ކަމެއް ކަމުގައި ވިޔަސް، އެފަދަ ކަމެއް ރައީސް މުއިއްޒު ކުރައްވައިފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

”އަޅުގަނޑަކީ ރައީސްކަން ކޮށްފައި ހުރި މީހެއް. އެހެންވީމަ، އަޅުގަނޑުމެންގެ ވަރު މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަކަށް އަޅުގަނޑު ހަމަ ޕާސަނަލީ ގަބޫލު ނުކުރަނީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބެއްގައި ރައީސް މުއިއްޒުއާއެކު މަސައްކަތް ކުރެއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށެވެ.

ރައީސް ޔާމީން މީގެ ކުރިން ވެސް ވަނީ، މި ސަރުކާރުގައި އެމަނިކުފާނު ޖަލަށް ލާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނަކީ ޝަރުއީ ދާއިރާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވަވާ ދުވަހުން ފެށިގެން، ކޯޓުތައް މިނިވަން ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ދެއްވަވައިފައެވެ.