މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގައި އިމާރާތް ކުރާ ވަގުފު ބިލްޑިން ދާރުލް އަރަގަމްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
އެ އިމާރާތުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިންނެވެ.
ދާރުލްއަރުގަމް އިމާރާތް ކުރަން ހަމަޖެހިފައިވަނީ 12 ފަންގިފިލާއަށެވެ.
މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެކެވެ. އަދި އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.
އަދި އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ގާއިމް ކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާ ކަމަށެވެ.

