ހދ. ކުޅުދުއްފުށީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންފޫގެ، މުހައްމަދު އުމީން (19އ) އާއި ހދ. ކުމުންދޫ، ފަހިވާ، އާއިޝަތު އަލީ (30އ)އެވެ.
މި ދެ މީހުން ހައްޔަރުކުރީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުންނެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު އުމީން 15 ދުވަހަށް އަދި އާއިޝަތު އަލީ ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެއީ އެ ރަށު އުރަހަ، ހުސައިން ނައީމް (44އ) އާއި އެ ރަށު ބަންޑާރަހިޔާ 002ޕީ، އަބްދުއްރަހްމާން މުހައްމަދު (45އ) އެވެ. އެ މީހުން ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމެވެ.
ބުދަ ދުވަހު ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބައެކެވެ.

