ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މަގުސަދަކީ ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުން ކަމަށެވެ.

މި ހަރަކާތުގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިން ބައިވެރިވި އިރު, އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި އެއަރޕޯޓުގައި ދިމާވެދާނެ އެކި ކަހަލަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އެމްއޭސީއެލް އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުން ކަމަށް އެކުންފުނިން ބުންޏެވެ.