އިގުތިސާދުގައި ދައުރުވާ ފައިސާ މަދުކުރަން ފިޔަވަޅުތަކެއް އެޅުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެގޮތުން ނިންމި އެއް ބަދަލަކީ އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަމެންޓްސް (އެމްއާރްއާރް) އަދަދު މަތިކުރުމެވެ.

އެމްއާރްއާރްއަކީ ރާއްޖޭގެ ބޭންކުތަކަށް ޖަމާވާ ފައިސާގެ ތެރެއިން ސީދާ އެމްއެމްއޭގައި ރައްކާކުރަންޖެހޭ މިންވަރެވެ.

އެގޮތުން އެ އަދަދު 10.5 ޕަސެންޓުން 11 ޕަސެންޓަށް މަތިކުރުމަށާއި އަދި މިއަދަދު ކޮންމެ ތިން މަހަކުން ރިވިއުކުރުމަށް ނިންމާފައިވެއެވެ. އަދި ރިވިއު ކުރަމުން ގޮސް މި އަދަދު އަންނަ އަހަރުގެ ނިޔަލަށް 13 ޕަސެންޓަށް އިތުރުކުރަންވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށި ފަހުން، ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ތެރެއިން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުގެ ތެރެއިން ނަގާފައެވެ.