ނ.ކެނދިކުޅުދޫގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފިއެވެ.
މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
އެ ރަށުގައި ޕާކެއް ތަރައްގީ ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
މި ޕާކު ހުޅުވައިދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ސާލިމްއެވެ.
އަދި އަރިހުގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، މުހައްމަދު އަފޫ ހާމިދުއާއި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ނަޒީމްވެސް ބައިވެރިވެވަޑައިގަތެވެ.
ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްގީ ކުރުމަށް ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
އެއީ ފެނަކަ، އެމްޓީސީސީ، އާރްޑީސީ އަދި އެސްޓީއޯގެ އިތުރުން އެޗްޑީސީއެވެ.

