ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް، ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރު ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވާހަކަތަކާ ގުޅޭގޮތުން، އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން، އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް، ކޮންމެ މައްސަލައަކީ ވެސް އެ ހޮސްޕިޓަލުން ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި، ހާއްސަ އިސްކަމެއްދީގެން ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަންކަމުގައި ދަންނަވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
އެގޮތުން، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ބައެއް ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެއް ކަމަށް ވެސް ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ބަަލިމީހުން ބަލައި ފަރުވާދިނުމުގައި، ބަލިމީހުންގެ ކަރާމަތާއި އަމިއްލަ މިނިވަންކަމަށް އިހުތިރާމުކުރުމާއި ބަލިމީހާގެ ރުހުން ހޯދުމުގެ އިތުރުން، ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް އެންމެހާ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުން އަމަލުކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް ބާރު އަޅާ ކަމަށެވެ.
ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން، ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ، ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުގެ ފަރާތުން ކަށަވަރުކުރާނެ ކަމެއް ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

