ތައިލެންޑުގެ ފުކެޓުން އިންޑިއާގެ ދިއްލީއަށް ފާއިތުވި ހަފްތާގައި ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް ޓާބިއުލެންސްއާ ކުރިމަތިވި ހާދިސާއަށް ފަހު، އެ ފްލައިޓުގެ ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން މި ވާހަކަ ރިޕޯޓު ކޮށްފައި ވިޔަސް، އެއާ އިންޑިއާ އިން މިކަން ކަށަވަރުކޮށްދީ އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެ އެއާލައިނުން ބުނީ ޕައިލެޓުގެ ޓެސްޓުގެ ނަތީޖާ އަދި އެ އެއާލައިނާ ހިއްސާ ނުކުރާ ކަމުގައެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި، 145 މީހުންނާއެކު ދަތުރުކުރި އެއާބަސް އޭ 320 ފްލައިޓް ދަތުރުކުރަނިކޮށް ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓުނެވެ.

އޭރު ފްލައިޓް ދަތުރު ކުރަމުން ދިޔައީ އޮޑިޝާ މަތިންނެވެ.

ހާދިސާގައި ފަސިންޖަރުންނަށް އަނިޔާވުމުން، ފްލައިޓު ދިއްލީއަށް ޖައްސައި، ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ައަދި ފްލައިޓު ޖެއްސުމަށްފަހު ހެދި ޓެސްޓުތަކުން ކެޕްޓަން ސައިކޯއެކްޓިވް ސަބްސްޓެންސް އަށް ޕޮޒިޓިވްވެފައިވެއެވެ.

ކްރޫ މެމްބަރަކު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒޮޓިވް ވެއްޖެނަމަ، ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވައި، ޓެސްޓު ނެގެޓިވް ވުމުން މަސައްކަތް ކުރަން ފުރުސަތު ދެއެވެ. އަދި މިކަން ތަކުރާރުކޮށްފިނަމަ، ތިން އަހަރަށް އެ މީހަކު ސަސްޕެންޑް ކުރާނެއެވެ.

އަދި ތިންވަނަ ފަހަރަށް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެނަމަ، އެ މީހެއްގެ ލައިސަންސް ބާތިލު ކުރާނެއެވެ.