ވަޠަނީ ހިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި މަރުހަލާ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ މީޑިއާ، ”ޕީއެސްއެމް ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، 4 ވަނަ ބެޗުގެ ސެލެކްޝަންގައި ފުރުސަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ.

މި މަރުހަލާގެ ތެރެއިން، ކުދިން ހޮވުމުގެ ކަންކަން މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ވަރަށް ފުޅާކޮށް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި މަސައްކަތުގައި އެމްއެންޑީއެފްގެ 6 ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

 

ވަޠަނީ ހިދުމަތުގެ ތަމްރީނުގެ ތެރެއިން އަހުލާގާއި، ސުލޫކުގެ އިތުރުން، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ސްކަރީ ތަމްރީނުތައް ދަރިވަރުންނަށް ދަސްކޮށްދެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ސެޓްފިކެޓް 3 އާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ފަދަ މުހިންމު ސެޓްފިކެޓްތައް ލިބިގެންދާނެއެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ 2 ބެޗެއްގެ ތަމްރީނު ވަނީ ނިންމައިފައެވެ.

އަދި 3 ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވެސް ދަނީ ކުރިއަށެވެ.