ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 65 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި އޮޕަރޭޝަންތަކުގައި ކޯސްޓްގާޑް ސްކޮޑްރަން ތަކާއި ސީއެމްބިއުލާންސް ހިމެނޭހެން ޖުމްލަ 65 މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ.

ތަފްސީލީ މައުލޫމާތަށް ބަލާއިރު، ފަސްޓް ސްކޮޑްރަންއިން 42 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ. ސެކަންޑް ސްކޮޑްރަންއިން ހަތަރު އިވެކުއޭޝަން ފުރިހަމަކޮށްފައިވާއިރު، ތާޑް ސްކޮޑްރަންއިން 11 އިވެކުއޭޝަން އަދި ފޯތު ސްކުއަޑްރަންއިން ހަ އިވެކުއޭޝަން ވަނީ ކުރިއަށްގެންގޮސްފައެވެ.

މީގެ އިތުރުން، ސީ އެމްބިއުލަންސް E9 54 އިން ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ދެ މެޑިކަލް އިވެކުއޭޝަންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން، އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ މަރުކަޒުތަކަށް ވީ އެންމެ އަވަހަކަށް ގެންގޮސްދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުން ގަވާއިދުން އަދި ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ އިންސާނީ ހިދުމަތެކެވެ.