އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލާލެވޭ ”އަގުމަގު“ ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިހާތަނަށް މި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނަނީ ހަމައެކަނި މާލެ ސަރަހައްދުގެ ފިހާރަތަކުންނާއި މާރުކޭޓުތަކުން އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން އަމިއްލައަށް އެއްކުރާ މައުލޫމާތެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓްރީއިން މިހާރު ވަނީ ”އަގުމަގު“ އެޕްލިކޭޝަން ތައާރަފްކޮށް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ ގޮތް ހަދާފައެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީވުމުން ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކާ ބެހޭ މައުލޫމާތު ބަލައިލެވޭނެއެވެ.
ވިޔަފާރިތަކަށް ޕޯޓަލްގައި ރަޖިސްޓްރީ ވެވޭނީ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން ނުވަތަ http://agumagu.trade.gov.mv ލިންކު މެދުވެރިކޮށެވެ.
މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

