މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފްއެސްއެމް އާއި މިފްކޯއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ މެންދުރުފަހު މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑައިރެކްޓަރ މުހައްމަދު އަނަސްއެވެ.

އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާތިމަތު އާޝާންއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިފްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، މިފްކޯއަށް މަސް ކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ކަމަށެވެ.

މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ބުނެފައި ވެއެވެ.

މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ގާއިމުކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ.

މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ.