އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ”މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެންއެމްއެޗްޑީ)އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަދި ޑަބްލިއު.އެޗް.އޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ޚާއްޞަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އަނބިކަނބަލުން ވަނީ، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
އަދި 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އަދި މި މަހާސިންތާގެ ތެރެއިން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކޮށް، އެކުވެރި މާހައުލެއް ގާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް އެކަމަނާ އެދިވަޑައިގަތެވެ.
”މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ“ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ގީލާ އަލީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒްގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން، އަދި ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

