Advertisement
ރައީސް ރައްޔިތުންނާ ވަކިން ބައްދަލު ކުރައްވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ފައްޓަވައިފި

މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާފައެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ.

މި ސިލްސިލާގެ ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ.

އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސް އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައްވާފައެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިއުލާންކުރައްވާފައެވެ.