ރާއްޖެ އާއި ޔޫއޭއީގެ ދެމެދުގައި އޮތް ތަރައްގީގެ ބައިވެރިވުން ފުޅާކުރަން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައެވެ.
މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މި މަޝްވަރާތަކުގައި ބާރުއަޅުއްވާފައިވެއެވެ.
ދެ ޤައުމުގެ ލީޑަރުން ވަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ދެމިތިއްބަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުހިންމު ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

