ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫއުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް ”ދަ ޕަލްސް“ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު ޝާއިޢުކުރެވުނު މި އެޕިސޯޑް ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫޢުތަކަށެވެ.
މިއަދުގެ އެޕިސޯޑްގައިވެސް ރައީސް ވަނީ މައުޟޫޢާގުޅިގެން އާންމު ރައްޔިތުން ފާޅުކުރެއްވި ހިޔާލާއި ޝުޢޫރުތައް އަޑުއައްސަވާ، ރައްޔިތުން ފާހަގަކުރެއްވި ބައެއްކަންކަމަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
ތަރައްގީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކުރެއްވިއިރު، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ހިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ދަ ޕަލްސް“ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑްގައި ނޫސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އަވަސް މީޑިއާއިން ސީނިއަރ ޖަރނަލިސްޓް އަހުމަދު ޝުޢާއުއެވެ.
ނޫސްވެރިޔާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަރައްޤީގެ ރޭހުގައި މިހާރު ކުރިއަށްދާ މުހިންމު، ގިނަ މަޝްރޫޢުތަކެއްގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

