ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަދު ހެނދުނު 10:00 އަށް ތަރުތީބުކުރެވިފައިވާ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެއެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ލިބިވަޑައިގަންނަވައެވެ. މީގެއިތުރުން، ހިދުމަތުގެ ގައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް އުތީމުގައި ތަރައްގީ ކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުއްވައިދެއްވާނެއެވެ.
އަދި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ބުނެދޭ ވާހަކަ ވައުވެސް ރައީސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

