ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫއުގެ ދަށުން ހއ. އުތީމުގައި ތަރައްގީކޮށްފައިވާ ”ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ދޮރޯށި ހުޅުއްވައި ދެއްވީ މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކޮށްފައި ވަނީ އެތަކުރުފާނުގެ ތާރީހީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ.
މި ބިނާގައި މައިގަނޑު ހަ ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ.
މި ހަ ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި ހަ ބަތަލުންނެވެ.
ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތްކުރުމަށް ހއ. އަތޮޅުގައި ހާއްސަ ގައުމީ މަޝްރޫއެއް ކުރިޔަށްގެންދާއިރު މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

