Advertisement
ޓުވާލޫއާއި ރާއްޖޭގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައި ވަނީ، ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ ”ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026“ އަދި ”އައިލެންޑް އިންވެސްޓްމަންޓް ފޯރަމް“ ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ތިމާވެށީގެ ނާޒުކު ހާލަތްތަކާ ގުޅޭގޮތުންނެވެ.

އެގޮތުން ކްލައިމެޓް ފައިނޭންސިންގއާއި، ދެމެހެއްޓެނެވި އިންވެސްޓްމަންޓްތަކުގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތްކުރާ ބައިނަލްއަގުވާމީ މާލީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސް ވަނީ ދިވެހިރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަރުހަބާ ވިދާޅުވެ، ދޭދޭ މަސްލަހަތު އެކުލެވޭ ގޮންޖެހުންތަކުން އަރައިގަތުމުގައި ސިޑްސް ގައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ހާއްދަ އެ ގައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްއިއްޔާތަކާއި އެހީ ފޯރުކޮށްދޭ ގައުމުތަކާއި ދިރާސާވެރިންނާއި އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.