ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ހިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ ހޮސްޕިޓަލްގައި ފެށި ތިން ހިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތެވެ.
މި ހިދުމަތްތައް ފެށުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ގީލާ ވިދާޅުވީ، މި ހިދުމަތްތަކަކީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް ދެމުންދާ ހިދުމަތްތަކެއްކަމަށެވެ.
ނަމަވެސް މި ހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިވަގުތުވެސް ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ ގީލާ ވިދާޅުވީ، އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުންކަމަށެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުން ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށާއި، ނަމަވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުން ނިއުރޯގެ ކޮންސަލްޓޭޝަނާއި އީއީޖީ ހެދުމުގެ ހިދުމަތުގެ އިތުރުން ޔޫރޮލަޖީގެ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް އަދި ގޭސްޓްރޯގެ ކޮންސަލްޓޭޝަން ލިބެން ހުންނާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ގޭސްޓްރޯގެ އެންޑޯސްކޯޕީއާއި ކޮލޯނޯސްކޯޕީގެ ހިދުމަތް ފެށުމަށް ރޭވިފައިވާކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީގެ ހިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ.
އަދި މެންދުރު 2 ޖެހުމާ ހަމައަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

