ފުވައްމުލަކުގައި ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލްދަނޑެއް ހަދަން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ދެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ސްޕޯޓްސް މިސްޓްރީގައެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ ނިޒާރެވެ. އަދި ޕްރޮކްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝާހިދެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރޮކްސީއިން ފުވުއްމުލަކުގައި، 1.9 މިލިއަން ރުފިޔާއަށް ތަރައްގީ ކުރާ ހޭންޑްބޯލް ކޯޓު ތަރައްގީކޮށް ނިންމަން ޖެހެނީ 90 ދުވަހުގެ ތެރޭގައެވެ.

އަދި ފުޓްސަލް ދަނޑު ތަރައްގީކޮށް ނިންމަން ޖެހެނީ މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައެވެ.

މި މަސައްކަތް ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ މިހާރު ވެސް 15 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

އަދި ތިން ރަށެއްގައި ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.