މިދިޔަ މަހުގެ 26 ވަނަ ދުވަހު، ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

މި އެހީ އަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމު، އަނެއް ގައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ގައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.

ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ.

ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމާއި، ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތީގައެވެ.