މި ހިނގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން އިއްޔެ ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެވަށާ ހިނގާގޮތަށެވެ.
ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން، އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ހިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވެލެއްވިއެވެ.
ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

