ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅުހަދާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރަމުންދާ ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކޮށްފިއެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 6 އޮކްޓޫބަރު 2026 ގައި ”އަދަދު“ ނޫހުގައި ”ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި“ މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށެވެ.

ތަރުޖަމާނުގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މާލީ ބަޔާން ނުވަތަ ”އެސެޓް ޑެކްލެރޭޝަން“ އަކީ ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ފަރާތަކަށްވެސް ފަސޭހަކަމާއެކު ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑް ކުރެއްވޭނެހެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރުވެސް އާންމުކޮށް ފެންނަން ހުރި ލިޔުމެކެވެ.

އަދި މި މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަން މީގެ ކުރިންވެސް މީޑިއާތައް މެދުވެރިކޮށް ރަސްމީކޮށް އިއުލާނު ކުރައްވާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނޫސްބަޔާނުގައި ތަރުޖަމާނު ވިދާޅުވެފައިވަނީ، ”ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އަދި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި، ބޮޑެތި ދޮގުތައް ”އަދަދު“ ނޫހުން ފަތުރަމުންދަނީ ސިޔާސީ މަޤްސަދެއްގައި ކަމަށްވީ ހިނދު، މިފަދަ ދޮގު މަޢުލޫމާތު ފާހަގަކޮށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.“ މިފަދައިންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވައެވެ.

އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ މޭ މަހުގެ މެދުތެރޭގައި އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވާފައެވެ.