މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަޝްވަރާކޮށްފިއެވެ.

ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫސުފް މާނިއު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މީގެއިތުރުން، ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށް ދިނުމަށްޓަކައި ފުލުހުންނާއި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.