ސިޔާސީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ ނިވަލުގައި ހުރުމަކީ ކުށްކުރުމަށް ލިބޭ ހިމާޔަތެއް ކަމުގައި ގަބޫލުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވައިފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން އަލީ މޫސާ ވިދާޅުވީ، މިއަދު ރައްޔިތުން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އިތުބާރު ނުކުރަނީ، މަގާމު ލިބުމުން ވައްކަން ކުރާތީ ކަމަށެވެ.

”އަޅުގަނޑުމެންނަށް ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުންނާއި، ކޮންގްރެސްތަކުންނާއި، ކުރީ ސަފަށް ބަލާލިޔަސް ފެންނަނީ ކޮން މަންޒަރެއްތޯ؟ އަޅުގަނޑުމެންނަށް ފެންނަނީ ކުށް ކޮށްފައިވާ ބޮޑެތި މުޖުރިމުން.“ މެމްބަރު އަލީ މޫސާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެރިކަން ކުރައްވައިފައި ތިއްބެވި ބޭފުޅުން އަމިއްލަފުޅު އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާ ކުރެއްވުމަށްފަހުގައި ވެސް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަނީ ސާފު ބޭފުޅެއްގެ ގޮތުގައި ކަަމަށާއި، ދުނިޔޭގެ އެއްވެސް ތަނެއްގައި މިގޮތަށް ކަންތައް ނުހިނގާނެ ކަމަށެވެ.

އަދި ވެރިކަން ލިބުމުން، ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ވިއްކާލައި، ކެމްޕޭނަށް ފައިސާ ހޯދި ބަަޔަކު ވެސް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.