ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ދިވެހި ޒުވާނުންނާއެކު ފަށައިފިއެވެ.

ބ.ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ. މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހަ ކޯހެއް ކުރިއަށް ގެންދެވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.

މި ކޯސްތަކުގެ މުގައްރަރުގައިވާ ބައިތަކުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ސްވިމިން، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދެވެއެވެ.

ހަމައެއާ އެކު، މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓްގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަހުލާގު ދަސްކޮށްދެވެއެވެ.

 

 

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.

މިގޮތުން މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަހުލާގާއި ސުލޫކު އަދި ލީޑަރޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދެވިގެންދާނެއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ ގައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މުހިންމު ގައުމީ ހަރަކާތެކެވެ.