ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަރައި ދިއުމަކީ ނާދިރުކަމެއް ކަމަށާއި، އީގަލް ހިލްސް އިން ރަސްމާލޭގައި ފަށަން އުޅޭ މަޝްރޫއުއާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބު ދެއްވަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެވެ.
ހަލީލު މިއަދު ”އެކްސް“ގައި ވިދާޅުވީ ރަސްމާލެ މަޝްރޫއު ފަދަ ޕްރޮޖެކްޓްތައް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، ޕްރޮޖެކްޓް ކާމިޔާބު ވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
”އާންމުވެފައިވާ މަޢޫލޫމާތުތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީވެސް އާދަޔާ ހިލާފަށް ބޮޑު މަޝްރޫއުއެއް. ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން.“ އޭނާ ވިދާޅުވިއެވެ.
އެގޮތުން ހަލީލު ވަނީ، ސަރުކާރުން ސާފުކޮށްދެއްވަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ބައެއް ސުވާލުތައް ވެސް ލިޔުއްވައިފައެވެ. އެއީ؛
1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
6. 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟
ހަލީލު ވިދާޅުވީ، މިނޫންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް ކަމަށެވެ.

