ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ މީދޫގައި ފޯރަމެއް ބާއްވައިފިއެވެ.
އެގްރިކަލްޗަރ މިނިސްްޓްރީ އާއި މީދޫ ކައުންސިލް ގުޅިގެން ’ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026‘ ގެ ނަމުގައި ސ. އަތޮޅު މަދަރުސާގައި ބޭއްވި ފޯރަމް ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މި ފޯރަމްގައި ސ. އަތޮޅު މަދުރަސާގެ ދަރިވަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
ފޯރަމްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއްކަމަށާ ހައްސަކޮށް ދަރިވަރުންނާއި ޒުވާނުން މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މިގައުމުގެ ދަނޑުވެރިކަމުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް ވިދާޅުވިއެވެ.
ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، އެ ދާއިރާއާ މެދު ދަރިވަރުން ދެކޭ ގޮތުގެ ޚިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށަހަޅައި ދީފައިވެއެވެ.

