ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން ”ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)“ އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.

ދެ ބޭފުޅުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި މި ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

”މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި، މަސައްކަތުގެ މާޙައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން.“ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ.

”ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ،“

މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރައްވަން ބޭނުންފުޅު ނަމަ، ކުރިއެކޭ ވެސް އެއްގޮތަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން އެކަން ހިއްސާކުރެއްވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.