ގާނޫނު އަސާސީއިން ކަށަވަރު ކޮށްދޭ ހައްގުތަކަށް އަރައިގަނެ، ޣައިރު ގާނޫނީ ގަރާރުތައް ނެރެމުންދާއިރު، ބަސް ނުބުނެވޭ ހިއުމަންރައިޓްސް ކޮމިޝަނެއް އޮވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެެއްޖެއެވެ.

Ads by Asuru

ޝިޔާމް މިހެން ވިދާޅުވީ، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުުލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމްގެ ވާހަކައިގައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސަބަބުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅެނީ ކިހާ މިންވަރަކަށްކަން އެ ކޮމިޝަނަށް ވަޒަން ކުރެވޭތޯ ސުވާލު ކުރެއްވިއެެވެ.

”މި ގަރާރު ނެރެ، ރައްޔިތުންގެ އެތައް ހައްގަކަށް އަރައިގެންއިރު، ހިއުމަންރައިޓްސް ކޮމިޝަން ނިދާފައި އޮތްކަން އަޅުގަނޑުމެންނަށް އެނގެނީ. އެ ކޮމިޝަން އޮތީ ބިރުންކަން އެނގެނީ.“ އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެޗްއާރްސީއެމްއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، ސަރުކާރު ދިފާއު ކުރުމަކީ އެ ކޮމިޝަނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރޭވެސް އަޑު އުފުލާފައިވާއިރު، ރޭގެ އެއްވުމުގެ ތެރެއިން ތިން މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އެތިން މީހުން މިއަދު ވަނީ ދޫކޮށްލައިފައެވެ.