މިރޭ މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ހާދިސާގައި ސަރުކާރުގެ ހަތަރު އިމާރާތަކަށް އަސަރު ކުރި ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނަށް ފެންވަދެ ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އެންޑީއެމްއޭއިން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މިރޭގެ 22:00 އާ ހަމައަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.
އަދި އެއް ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާއިރު، 16 ފިހާރައަކަށާއި، ދެ ރެސްޓޯރެންޓުގެ އިތުރުން ދެ ކްލިނިކަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައިކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މާލޭގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން، ފެނުގެ އަސަރުކޮށްގެން އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި ފެންވަނުން ހުއްޓުވުމަށްޓަކައި، ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިކަމަށް އެންޑީއޭމްއޭއިން ބުންޏެވެ.

