ކުރިއަށް އޮތް ތިން ދުވަހަކީވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސް ތިން ދުވަސް ކަމަށާއި، ހާއްސަކޮށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިރޭ ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މުސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވުއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ.
”މީގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،“ މެޓުން ބުންޏެވެ.
އަދި، ކުރިއަށް އޮތް ތިން ދުވަސް ކަމަށް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މިރޭ ކުރި ވިއްސާރައިގައި މާލޭގެ ބައެއް ގެތަކަށާއި، ފިހާރަތަކަށް ފެން ވަދެފައިވާއިރު، ގިނަ މަގުތަކެއްގައި ފެން ވެސް ބޮޑުވިއެވެ.

