ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޅ. ހިންނަވަރުގައި ހުޅުވައިފިއެވެ.
އެ ގޮފި އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުލް ޣަފޫރު އަހުމަދެވެ.
އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތައުލީމު ލާމަރުކަޒީ ކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޒު ކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ލ .މާވަށް، ގއ. ދާންދޫ އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
މީގެއިތުރުން، އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވެއެވެ.

