ރަސްމާލެ މަޝްުރޫއާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފުން ހުށަހެޅި ކަންކަމަށް ރިއާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެ ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޖަމިއްޔަތުއްސަލަފުން ވަނީ ބޭރުގެ ފަރާތްތަކުން ހިންގާ މަޝްރޫއުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިއާޔަތް ކުރުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ.
ސަލަފުން ހުށަހެޅި ކަންކަމަށް ބަލާއިރު، އިސްލާމީ ޝަޚްސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުމާއި، ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ގާއިމުކުރުމާއި، ހުޅުވާލެވިފައިވާ އިގްތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި، ދާއިމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމާއި، އިޖުތިމާއީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.
ޖަމިއްޔަތުއްސަލަފުން ބުނީ އެ ޖަމިއްޔާއިން ހުށަހެޅި ކަންކަން އަޑު އައްސަވައި، އެ ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމުގެ ޔަގީކަން ރައީސް ދެއްވިކަމައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏަކާއި ހަވާލުކޮށްގެން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއެއް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފަ އެވެ. މިއީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

