ރާއްޖެއަށް ލިބިފައިވާ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ސިފަ ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުންފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ވަޒީރު ވިދާޅުވީ ރާއްޖޭގެ ގާނޫނީ އަދި ދުސްތޫރީ ނިޒާމު އަތުރާލެވިފައި ވަނީ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިކަން އެއީ ދައުލަތުގެ އެންމެ މުހިންމު އަސާސް ކަމަށާއި، އެއީ ދިވެހި ދައުލަތުގެ ވުޖޫދާއި ސިޔާދަތާއި ރައްޔިތުކަމުގެ އަސާސާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އަދި ގައުމެއްގެ ސަގާފީ އަދި ދީނީ ކަލްޗަރަލް ވެލިއުސް ހިމާޔަތްކޮށް އެއަށް ރިޢާޔަތް ކުރުމަކީ ޑިމޮކްރަސީގެ އަސާސީ ސިފައެއް ކަމަށާއި ހުޅަނގުގެ ޑިމޮކްރެސީގައި ކަލްޗަރަލް ވެލިއުއަކީ ”ސެކިއުލަރިޒަމް“ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ”ކަލްޗަރަލް ވެލިއުސް“ އަކީ މާތްވެގެންވާ އިސްލާމް ދީނަށް ވާތީ، ދީނާއި ސިޔާސަތަކީ ވަކި ނުކުރެވޭނެ ދެ ކަންތައްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ސިފަ ހިމާޔަތްކުރުމަކީ، ވަލިއްޔުލްއަމްރުގެ ބޮލުގައި އެޅިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާއެއް ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.
އެހެންވެ، އެ ސިފަ ގެއްލޭ ފަދަ ނުވަތަ އެކަމަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ، ދައުލަތުގެ އެއްވެސް ބާރަކަށް، އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ދެވިފައިވާ ބާރެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ޒައިނިސްޓު ޔަހޫދީންނާ ގާތް ގުޅުން އޮންނަ ފަރާތަކަށް، ނިމުމެއް ނެތް ދިގު މުއްދަތަށް ދިވެހި ބިން ކުއްޔަށް ދިނުމާއި، ވިއްކުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރު މީހުން ވަޒަންވެރި ކުރުމަކީ، ދިވެހި ރާއްޖޭގައި އޮތް ސައްތަ އިން ސައްތަ މުސްލިމު ކަން ގެއްލިގެން ހިނގައިދާނެ އަމަލެއް،“ ޒާހިރު ލިޔުއްވައިފައިވެއެވެ.
ޒާހިރު ވިދާޅުވީ ރަސްމާލޭގެ މަޝްރު އާއި ނ. އަތޮޅުގައި ހިންގާ މަޝްރޫޢުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
އަދި ދިވެހި ދައުލަތުގެ ވުޖޫދާއި، ސިޔާދަތާއި، ރައްޔިތުކަމުގެ އަސާސާ ސީދާ ގުޅިފައިވާ ކަމެއްގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫނީ، ގޮތް ނިންމުމުގެ އިޚްތިޔާރެއް ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދީނާއި ޤައުމާ ގުޅިފައިވާ މިފަދަ މައްސަލަތަކުގައި ޖަމާޢީ ގޮތެއްގައި އަޑު އުފުލައި ނުރުހުން ފާޅުކުރަން ޖެހޭ ކަމަށާއި ޖަމާޢީ ގޮތެއްގައި އަޑު ނުއުފޭ ޙާލަތުގައި ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށެވެ.

