‏މި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގެ ޖަމާއަތުން ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށައިފިއެވެ.

ފަތިސް ނަމާދުގެ ޖަމާއަތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އެމްއެންޑީއެފްގެ އިސްވެރިންނާއި ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަތިސް ނަމާދަށް ފަހުގައި ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮތެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށެވެ.