މިއަދުގެ ދުނިޔޭގައި މިނިވަންކަމަށް އަސަރު ފޯރިވަނީ ހަމައެކަނި ދުޝްމަނުންގެ ގޮތުގައި ދެކޭ ފަރާތްތަކަކުން ނޫން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުން ގައްސާން ވިދާޅުވީ 3 ނޮވެންބަރު 1988 ގައި ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދަށް އެދުވަހު ފަހުރުވެރިވި ފަދައިން، މިއަދުވެސް، ދިވެހި ސިފައިންގެ އިހުލާސްތެރިކަމާއި ހިތްވަރާއި، އަޒުމާއި، ހުއްބުލްވަތަންގެ ސިފަތައް ގާތުން ދެކިލުމުގެ ފުރުސަތު ލިބި ތަޖުރިބާކުރެވިފައިވާތީ ދިވެހި ސިފައިންނަށް ފަހުރުވެރި ވަނީ ނުހަނު ލޯތްބާއެކު ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު، ލެޔާއި ފުރާނައިން ގުރުބާން ވެގެންވެސް އެދުވަހެކޭ އެއްފަދައިން މާތްﷲ ގެ ރަޙްމަތްފުޅާއިއެކު މިއަދުވެސް ދިވެހި ސިފައިން ޙިމާޔަތް ކުރާނެކަން ކަށަވަރު ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އަދުގެ ދުނިޔޭގައި، ޤައުމުތަކުގެ މިނިވަންކަމަށާއި، އަމިއްލަވަންތަކަމާއި، އެއްބައެއްވަންތަކަމަށާއި އަދި ސިޔާދަތާއި އިސްތިގުލާލަށް އަސަރު ފޯރުވަނީ ހަމަ އެކަނި ކަނޑި، ބަޑީންނެތް ނޫން ކަމަށާއި ހަމަ އެކަނި ބޭރަކުންވެސް ނޫން ކަމަށެވެ.

”ހަމައެކަނި ދުޝްމަނުންގެ ގޮތުގައި އަޅުގަނޑުމެން ދެކޭ ފަރާތްތަކަކުންވެސް ނޫނެވެ. ހަމައެކަނި ގައުމަށް ފާޅުކަންބޮޑު ގޮތެއްގައި ގެއްލުން ލިބިދާނެ ކަމަށް ފެންނަ ކަންކަމަކުން އެކަޏެއްވެސް ނޫނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ،“ ޣައްސާން ވިދާޅުވިއެވެ.